އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން މިއަދު ހެނދުނު ލުބުނާނުގެ ދެކުނުގެ ބައެއް އަވަށްތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އެ ގައުމުގެ އިރުމަތީގައި އޮންނަ ބެކާ ގަވަރުނަރޭޓްގެ ނަބީ ޗިޓް އަވަށުގެ އިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ އިމާރާތް ވަނީ ހަލާކުކޮށްލާފައެވެ.
އަދި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސަފީ ފަރުބަދައިގެ ބޭރުފުށާއި ތުފާގެ ސަރަހައްދުގެ ޖަބާ އަވަށާއި ޖަބާގެ ބޭރުގައި އޮންނަ ޑެލިޓަން ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ހަމައެއާއެކު އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ބޮޑެތި މިސައިލްތަކެއް ވައްޓާލައި ބޮޑެތި ގޮވުންތައް ގޮއްވާލާފައެވެ. އޭގެ ސަބަބުން ޖަބާ އަވަށުގެ އެތައް ގެއަކާއި ފިހާރަތަކެއްގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.
މީގެ އިތުރުން ކިއާމް، ކާފްރް ކިލާ އަދި އަލް އޮދައިސޭހް އަވަށްތަކަށް ވެސް އިސްރާއީލުގެ މަތިންދާބޯޓުތަކުން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.
ކިއާމް އަވަށަށް ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު އެކަކު ވަނީ މަރުވެފަ އެވެ.


