ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދީފިނަމަ މިދިޔަ ހަތަރު މަހަށްވުރެވެސް ބޮޑަށް ތަރައްޤީގެ ވައުދުތައް ފުއްދުން މަޖިލީހުގެ ބާރުން ބަޖެޓް ނުދީ ހުއްޓުވާނެ ކަމަށް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިރޭ ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަރައްޤީގެ މެނިފެސްޓޯއަށް ހުރަސް އެޅޭނެ އޮތީ އެންމެ ބައެއްކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ދެއްވަން ބުނާ ބުނުން ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އިދިކޮޅުގެ މިސްރާބު އެންމެ ފަހުން ފާސްކުރި ބަޖެޓުން ސާފުވެއްޖެ ކަމަށެވެ. އެންމެ ފަހުން ފާސްކުރި ބަޖެޓުން މަޝްރޫތަކަށް ފައިސާ އުނިކޮށް ބައެއް ބަނދަރު ހެދުންފަދަ ބޮޑެތި މަޝްރޫއުތަކަށް ދެ ލައްކަ ރުފިޔާ ފާސްކޮށްފައި ހުރިކަމަށެވެ.
“”މަޖިލިސްގެ ގޮޑިތަކަށް ހޮވާ މެމްބަރުންނަކީ އަޅުގަނޑަށް ފުރިހަމައަށް ސަތޭކަ ޕަސެންޓު އެއްބާރުލުން ދޭނެ ބަޔަކަށް ރައްޔިތުން ނަހައްދަވައިފިއްޔާ ހަމަ ހުރަސް އެޅޭނެ ހުއްޓުވޭނެ. އެކަން ނޫންތޯ ހަތަރު މަސްތެރޭގަ މި ފެނުނީ “ ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ޔަގީންކުރާ ކަމަށެވެ.


