މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރުދައްކަމުން ގެންދާ ކަމަށްބުނެ އެމްޑީޕީއިން ނެރެފައިވާ ބަޔާން ދޮގުކޮށް ސަރުކާރު ހިންގާ ކޯލިޝަން ޕީއެންސީ އަދި ޕީޕީއެމް އިން ބަޔާނެއް ނެރެފި އެވެ.
މިރޭ ސަރުކާރު ހިންގާ ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ އެމްޑީޕީއިން ނެރެފައިވާ ބަޔާނަކީ ހަގީގަތާ ހިލާފު ބަޔާނެއްކަމަށާއި ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލާއި އެއްގޮތަށް ހަމަހަމަ ކަމާއިއެކު ސިޔާސީ ކަންކަން ކުރިއަށް ގެންދިޔުމުގެ ފުރުސަތުދިނުން ކަމަށެވެ.
އަދި އެޕާޓީއިން ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދާނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީ ރައްޔިތުންގެ އަޑު އަހައިގެންކަމަށް ޕީއެންސީ އަދި ޕީޕީއެމްގެ މި ބަޔާނުގައިވެ އެވެ.
މިހާރުވެސް ސަރުކާރުގެ ވަޒީފާތަކުގައި ތިބެ އެމްޑީޕީގެ އިސްވެރިން ވަޑައިގަންނަވާ ހަފްލާތަކާ ޖަލްސާތަކުގައި ބައިވެރިވާކަން ފާހަގަ ކުރައްވާ ވިދާޅުވެފައިވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ވަޒީފާގެ ބިރުދައްކާ އެތައްބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައިވަނީ މިހާރު ހިނގަމުންދާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފާޅުގައި އިންޒާރު ދީފައި ވަނީ ސަރުކާރުގެ ވަޒީފާތަކަކީ އެމީހުންގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ޝަރުތުތަކެއް ކަމަށެވެ. ސަރުކާރުން އެންޑޯސްކުރާ ކެންޑިޑޭޓުން ވަނީ ދައުލަތުގެ ވިޔަފާރިތަކަށް މުވައްޒަފުން އައްޔަން ކުރުމުގެ ބާރު ސަރުކާރުގެ ތާއީދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފައި ކަމަށް މި ބަޔާނުގައިވެ އެވެ.
ވޯޓުލާ މީހުންނަށް ބިރުދެއްކުމާއި ދައުލަތުގެ ބާރު ފާޅުކަން ބޮޑު ގޮތެއްގައި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މި މަސައްކަތްތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކުރާ ކަމަށާއި އެޕާޓީއިން ގަސްތުކުރަނީ ޕީޕީއެމް/ޕީއެންސީ ހިންނަވަރު ކެންޑިޑޭޓުގެ ކެމްޕެއިން އިވެންޓުގައި ދާދިފަހުން ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ރިޕޯޓް ކުރަން ކަމައް އެ ބަޔާނުގައިވެ އެވެ.


