މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެށް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އބްދުލްގައްޔޫމްގެ މައްސަލައިގެ އިސްތިއުނާފް ހައިކޯޓްގައި ލަސްވާތީ އެމައްސަލަ ޖޭއެސްސީއަށް ހުށައަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ އައްޑޫގައި ވިދާޅުވެއްޖެ އެވެ.
ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިމި 4 މަސް ވެގެންދިޔަ އިރު ހުކުމް ނުކުރެވިގެން މި އުޅެނީ ސަރުކާރުން އަތްބާނާތީ ކަމަށެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސީޔަތުން އެމަނިކުފާނު އިއްނަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށައަޅައިގެން ބަލުވާނެ ކަމަށެވެ.
” ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމައްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގޮތުގަ އަޅުގަނޑު އިއްނާތީ، މާދަމާ އެމައްސަލަ އޅުގަނޑުމެން ލާނަމޭ ބަލުވާނަމޭ، އަޅުގަނޑުމެން ޖޭއެސްސީން “ މަޖިލިސް ރައީސް އަސްލަމް ރޭ އައްޑޫގައި ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން އިސްވެ ހުއްނަވައި އުފައްދާފައިވާ ޕީއެންއެފް އުފައްދަން ޢިޔާސުއްދީން ސުކޫލުގައި މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާ ސަރުކާރުން ފުލުހުން ފޮނުވައިގެން ހުއްޓުވި ހުއްޓުވުން އަސްލަމް ވަނީކުއްވެރި ކުރައްވާފައެވެ.
އަސްލަމް ވިދާޅުވީ ވެރިކަން ކޮއްފައިވާ މީހުނަށް ދޭންޖެހޭ އިއްޒަތާ އިހުތިރާމް ދޭން ޖެހޭނެކަމަށެވެ. އަދި ޔާމީންއަށް އިންސާފު ނުލިބި ލަސްވުން ބަލައިނުގަނެވޭނެ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައި ކޯޓުގައި ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރެއްވީ ޔާމީންގެ ފަރާތުންނެވެ.


