ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ވައުދުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ގިނަ ޕްރޮޖެކްޓް ހިންގާނެ އެއް ރަށަކީ ލ. ގަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު ގަމުގައި އަޅަމުންދާ ސަތޭކަ 100 ހައުސިން ޔުނިޓުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ވައުުދުވީ ސާޅިސް ހާސް 40،000 ހައުސިން ޔުނިޓްގެ ތެރެއިން ބޮޑު ބައެއް އަޅާނީ ގަމުގައި ކަމަށެވެ.
ހައުސިން ޕްރޮޖެކްޓްތައް ހިންގުމުގައި ބިން ބޮޑެތި ޖާގައިގެ ތަނަވަސްކަން އޮތް ރަށްރަށަށް އިސްކަންދެއްވާނެ ކަމަށާ އެގޮތުން ގަމުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގަމަށް އެމަނިކުފާނު ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.


