ރިޔާސީ އެއް ވައުދު ކަމަށްވާ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މެންޓަލް ހޮސްޕިޓަލް ލ.ގަމުގައި އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އެނިހެން އިސްވެރިން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ލ.ގަމުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އަޅަން ވައުދުވެފައިވާ ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލް އަޅާނީ ގަމުގައި ކަމަށެވެ.
ލ. ގަމަކީ ސިއްހީފަރުވާގެ ގޮތުން ވަރުގަދަ ތަނަކަށް ހެދުމަށް އެރަށުގައި މަތީފެންވަރުގެ ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގަމުގައި މި ހަދަން އުޅޭ ހޮސްޕިޓަލް ތަރައްގީ ކުރާނީ ލ އަތޮޅަށް އަންނަން އުޅޭ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްތަކަށް ވެސް ވިސްނާ މި ހޮސްޕިޓަލުން މެޑިކަލް ޓޫރިޒަމްއަށް ވެސް ދޮރުތައް ހުޅުވިގެންދާނެ ގޮތުގެ މަތިންކަމަށެވެ.


