ކޮވިޑް19 ގެ ހާލަތުގެ ސަބަބުން ދޫކޮށްފައިވާ އެސްޑީއެފްސީ އަދި އެޗްޑީއެފްސީގެ ލޯނުތަތަކުގެ އިންޓްރެސްޓް މާފުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އިއްޔެ ލ.ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި އީދު ބަންދު ނިމުމުން އިންޓްރެސްޓް މާފު ކޮށްދިނުމަށް އެދި މި ދެ ކުންފުނީގެ އިދާރާއަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ.
"އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމަށް ހުޅުވާލާނަން. އެއީ ލޯނުތައް ނެގި އެންމެންގެ އިންޓަރެސްޓް. ދެން އެ ލޯނު ނެގި މީހުންނަށް އެއަށް އެޕްލައިކޮށް އެގްރީމަންޓް ހެދީމާ އިންޓްރެސްޓް މާފުވާނެ“ ރައީސް އިއްޔެ ވިދާޅުވި އެވެ.
ކޮވިޑްގެ ދުވަސްކޮޅުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ އަދި އެޗްޑީއެފްސީއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކި ވަރަށް ބޮޑު އިންޓްރެސްޓެއް ވެސް އަރާފައެވެ.
ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ވެސް މި ލޯނުތައް ފުއްދަން މިދިޔަ ސެޕްޓެމްބަރު މަހުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިންމެވި ނަމަވެސް އެކަމަށް އެއްވެސް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގޮތަށް އިންތިހާބު ބޯމަތިވީމަ ވައުދު ފުއްދަން މި ސަރުކާރުން ނުތިބޭނެ ކަމަށާއި، މިސަރުކާރަކީ އަމަލީ ގޮތުން ކަންކަން ކުރާނެ ސަރުކާރެއް ކަމަށެވެ.


