ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ހުރަސް އަޅާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށާއި މިހާރު އިދިކޮޅުގައި އޮވެ، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅަނީއޭ ބުނެ ފާޑުކިޔަން ލަދުގަންނަށް ޖެހޭކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ހީނާ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްވެ ހުއްނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ޕީއެންއެފް އުފެއްދުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ޣިޔާސުއްދީން ސުކޫލަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް ޖަލްސާ ހުއްޓުވި މައްސަލާގައި ފާޑުކިޔަމުންދާ އެމްޑީޕީގެ އިސްވެރިންނާ ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައްދު ދެއްވަމުންނެވެ.
ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރު އޭރު އިދިކޮޅުގައި ތިބެ މުޒާހަރާތަކުގައި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާއަށް އަދިވެސް އިންސާފު ނުލިބޭކަމަށާ އެޗްއާރުސީއެމް އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށައެޅީމަވެސް މަތިން އޯޑަރު އައިސްގެން މައްސަލަ ނުބަލައިގެން އިންސާފް ނުލިބޭ ކަމަށެވެ.
”އިންޓެގްރިޓީ ކޮމިޝަނުން އަޅުގަނޑުމެންނަށް ދިން ޖަވާބަކީ މިފަދަ ފުލުހުންނާ ގުޅިގެން ހުށަހެޅިފަ ހުރި މައްސަލަތަކާ ގުޅިގެން، އެކަންކަން ތަހުގީގު ކުރުމަށް ވެސް އެންމެ ކުޑަމިނުން ފުލުހުންގެ މުއައްސަސާގެ ފަރާތުން އެއްބާރުލުމެއް ނުލިބުނުކަން“ހީނާ ވިދާޅުވި އެވެ.
އަދި ރައީސް އިބޫ އަށް ވެެރިކަން ލިބި މަހެއް ނުވަނިސް ރައީސް ޔާމީން ފުލުހަށް ގެންގޮސް ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބުނެ ހައްޔަރުވެސް ކުރިކަމަށާއި، އެހެންވީމަ ސިޔާސީ ކަންކަމަށް އެންމެ ބޮޑަށް ހުރަސް އަޅާފައިވަނީ އެމްޑީޕީ ސަރުކާރުން ކަމަށް ހީނާވަނީ ވިދާޅުވެފަ އެވެ.


