ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ކުރެއްވި ބޭރު ދަތުރުފުޅުތައް ކަމަށްވާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ކޮޕް-28 ސަމިޓަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދަށް ޖުމްލަ 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ – ރައީސް މުއިއްޒުގެ 'ހަފްތާ14′ ނުވަތަ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަކުރަމުން އަންނަ މިންވަރު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވަނީ ދެ ދަތުރުގެ ހަރަދުތަކުގެ މައުލޫމާތުތައް އާންމު ކުރައްވައިފަ އެވެ.
ދެ ދަތުރުފުޅުގެ ޓިކެޓް ހަރަދު (މާލެ-ތުރުކީ-ދުބާއީ-މާލެ)
- ފަސްޓް ކުލާސް – ހަތަރު ޓިކެޓް – 683،229.36 ރުފިޔާ
- ބިޒްނަސް ކުލާސް – 12 ޓިކެޓް – 1،539،239.82 ރުފިޔާ
- އިކޮނޮމިކް ކުލާސް – 12 ޓިކެޓް – 232،086.42 ރުފިޔާ
މީގެ އިތުރުން ތުރުކީ ދަތުރުފުޅުގައި 22 ބޭފުޅުންގެ ޕޮކެޓް މަނީއަށް 217،828 ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށާއި އިންސިޑެންޓަލްއަށް 41،548.80 ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވި ގޮތުގައި ތުރުކީގައި ރައީސްގެ ވަފުދުގެ ބޭފުޅުންނަށް އެކޮމޮޑޭޝަނާއި ފަރިއްކޮޅު އަދި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސައިދިނީ އެ ގައުމުގެ ސަރުކާރުންނެވެ. މީގެ ތެރޭގައި އިސްތަންބުލް-އަންކާރާ-އިންސަންބުލްގެ ފްލައިޓް ދަތުރު ހިމެނޭ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ދުބާއީ ދަތުރުގެ ހަރަދު
- ޕޮކެޓް މަނީ (19 ބޭފުޅުން) – 182،546 ރުފިޔާ
- ފަރިއްކޮޅު ހަރަދު (ނުވަ ބޭފުޅުން) – 145،944.76 ރުފިޔާ
- ދުބާއީގެ ދަތުރުފަތުރު – 75،488.38 ރުފިޔާ
- އެކޮމޮޑޭޝަން (ނުވަ ބޭފުޅުން) – 168،892.06 ރުފިޔާ
- ސިމްކާޑު ހަރަދު – 26،412.59 ރުފިޔާ
- ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުން – 155،182.21 ރުފިޔާ
- އިންސިޑެންޓަލް – 20،766.72 ރުފިޔާ
ޝަހީބު ވިދާޅުވި ގޮތުގައި ދުބާއީ ދަތުރުފުޅުގައި ހިމެނޭ 10 ބޭފުޅަކަށް އެކޮމޮޑޭޝަން އާއި ފަރިއްކޮޅު ހަމަޖައްސައިދެއްވީ ޔޫއޭޢީ ސަރުކާރުންނެވެ.


