ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ކަމުގެ މަގާމަށް ހ. ރީތިގަސްދޮށުގޭ މުޙައްމަދު ޝަހީބު، މިއަދު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޝަހީބުއަށް މަޤާމްގެ ފަތްކޮޅު ދެއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ޝަހީބަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.
2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ޝަހީބު ވަނީ ހާސިލުކުރައްވާފައެވެ. އަދި މީގެ ކުރިން ޝަހީބް ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ.


