Tuesday, 28 July 2026

ނައިބު ރައީސް ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ނައިބުރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ.) ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސްއާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު ކުރިޔަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑަބްލިޔު.އެޗް.އޯ.ގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލުމަށްޓަކައި އެ ޖަމުޢިއްޔާއަށް އެ މަނިކުފާނު ޝުކުރުއަދާކުރައްވައި، މި ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ނަމަވެސް، އަދިވެސް މި ދާއިރާއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުރިޔަށްމިދާ ފަސް އަހަރުގެ ދައުރަކީ މިފަދަ އެންމެހާ ގޮންޖެހުންތައް ގިރާކުރުމާއެކު ފެންވަރު ރަނގަޅު، އިތުބާރު ހިފޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ފަސް އަހަރު ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޞިއްޙީ ފަރުވާ ހަރުދަނާ ކުރުމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޞިއްޙީ ފަރުވާގެ އަމާޒުތައް ހާސިލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ނައިބު ރައީސް ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75″ ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ފަށާފައިވަނީ 1950ގެ އަހަރުތަކުގައެވެ. އަދި އެ ޖަމުޢިއްޔާގެ އޮފީހެއް ރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1965 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *