Monday, 26 October 2026

ބޯންމެރޯ ޓްރާސްޕްލާންޓް ހިލޭކޮށް، އެންޑޮމެޓްރިއޯސިސް އަދި ޕީ.ސީ.އޯ.އެސް އާސަންދައިގަ ހިމަނަން ނިންމައިފި

ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ އިއްޔެ  ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ "ހަފުތާ 14″ގައި ހިމެނޭ ކަމެކެވެ.

މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި މި ކަރުދާހަށް މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށް  ނިންމަވާފައިވެއެވެ. ހަމަ އެހެންމެ، ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމަށްވެސް  ނިންމަވާފައިވެއެވެ.

މީގެ އިތުރުން މިހާރު ޕްރައިވެޓް ހެލްތުކެއާރ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާރ ޓެސްޓް" ހެދުމަށް ބޭނުންވާ ވަޞީލަތްތައް ދުރު ރާސްތާގައި ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އާސަންދައިގެ ދަށުން ޑީ.އެން.އޭ. ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ނިންމަވާފައެވެ. މި ޑީ.އެން.އޭ. ޓެސްޓަކީ ތެލަސީމިއާ ބަލި ވާރުތަކުރާ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހެދޭ ޓެސްޓެކެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި ތެލަސީމިއާއަށް ޓެސްޓްކޮށް، ސްކްރީންކުރުން އިތުރަށް ހަރުދަނާކުރުމަށް ނިންމަވާފައިވެއެވެ.

ރައީސް އިއްޔެ ވަނީ އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް.' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފަ އެވެ.

ރައީސްގެ މި ނިންމެވުން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ނިންމެވުން މިފަދައިން ނިންމަވާފައިވަނީ އަންހެނުންނަށް ދިމާވާ މިފަދަ ޞިއްޙީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، 'އިންފަރޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. އަދި މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާގުޅޭގޮތުން ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *