އެކުވެރި އަރަބި އިމާރާތުގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެފައިވާކަން ހާމަކޮށްފައިވާތީ، އިންޑިއާ ސިފައިން ބާލަން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމެއް ހާމަކުރަން ގޮވައިލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 33ވަނަ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާ ސިފައިން ބާލަން އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށެވެ.
އެހެންވެ، އިންޑިއާ ސިފައިން ބާލަން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުން ހާމަކުރަން ވަނީ ގޮވައިލައިފައެވެ.
ކުއްލި މައްސަލައިގައިވަނީ ގައުމީ ސަލާމަތާއި އިސްތިގުލާލަށް ނުރައްކާވާހެން ހަދާފައިވާ ކަމަށް ރައީސް މުއިއްޒު ކުރިން ތުހުމަތު ކުރެއްވި ހުރިހާ އެއްބަސްވުމެއް ވެސް ހާމަކުރަން ގޮވާލައިފައެވެ.
މި މައްސަލައިގައި ބަހުސްކުރައްވަމުން މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ދެކެވޭއިރު އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވެގެންދާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިހާ ހިސާބަށް އައިއިރުގައި އަދި އަޅުގަނޑުމެންނަކަށް މިލީޓަރީ ވިސާގައި ރާއްޖޭގައި ތިބީ ކިތައް އިންޑިއާ ސިފައިންތޯ، ހަތިޔާރު ހުރީ ކޮންތާކުތޯ، ހަތިޔާރު އެޅި ސިފައިން ތިބީ ރާއްޖޭގެ ކޮން ރަށެއްގައިތޯ ނޫނީ ކޮން ސަރަހައްދެއްގައިތޯ މިއިން އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމަވެފައިނުވޭ،" އަހުމަދު ވިދާޅުވި އެވެ.


