Tuesday, 28 July 2026

އައިވީއެފް އާއި ބޯންމެރޯގެ ފަރުވާ އާސަންދައިން ހަމަޖައްސައިފި

އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތް އާސަންދަ އިން ލިބޭ ގޮތަށް ހަމަޖައްސަވައި އާސަންދަ އާއި ގުޅޭ އުސޫލުތައް އެގޮތަށް އިސްލާހުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ ބައްދަލުވުންތަކަށްފަހު އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސަރުކާރުން ނިންމި ބޮޑެތި ކަންތައްތަކެއް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާއާ ގުޅޭ މުހިއްމު ކަންތައްތަކެއް ހިމެނެ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، އައިވީއެފަށް އަދި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިގެ ތެރެއިން ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެ މަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމްގެ ގަވައިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ހާއްސަކޮށް އުސޫލެއް ހަދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯންމެރޯ ހަދަންޖެހޭ ކުދިން އެކަމުގެ ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުން ކަމާ ގުޅޭ ބައެއް ފަރުވާ ނުލިބޭތީ ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާންޖެހޭ ވަގުތު އިތުރަށް ދައްކަންޖެހޭ ފައިސާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށްޓަކައި ބޭރުގެ ހޮސްޕިޓަލްތައް އަލުން ގްރޭޑްކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރައީސް މިއަދު ވަނީ ރާއްޖޭގައި ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް ހެދުމަށްޓަކައި 30 މިލިއަން ރުފިޔާގެ ފަންޑެއް ދައުލަތުގެ ބަޖެޓްގެ ތެރެއިން ހަމަޖައްސަވާނެ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ.

އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތުގެ އިތުރުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް އާސަންދަ އިން ހެދޭ ގޮތް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *