Tuesday, 28 July 2026

ސަރުކާރުގެ އެހީގައި މި އަަހަރު 50 މީހުން ހައްޖަށް ފޮނުވަނީ

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މި އަހަރު 50 މީހަކު ހިލޭ ހައްޖަށް ފޮނުވަން ނިންމައިފި އެވެ.

ހައްޖަށް ފޮނުވުމުގެ ވައުދުގެ ރައީސް ވެވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފަގީރުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.

"މިމަސައްކަތުގެ ތެރެއިން އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވޭނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރާނީ، ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމަށާއި މި އުސޫލު ގެޒެޓުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ފަސް އަހަރު މި ކަން ކުރެއްވުމަށް ފަހު ހުއްޓޭ ކަމަކަށް ވުމުގެ ބަދަލުގައި މިއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ކަމަކަށް ބަދަލު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *