ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު ހަލާކު ކޮށްލުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
އިއްޔެގެ ޖަލްސާގައި ޖާބިރު އަޑު ގަދަކޮށް ގިނިކަންޏާ އިހުތިޖާޖެއް ކުރެއްވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓުން ބަލިވުމުން އެކަމާ ނުރުހުން ފާޅު ކުރައްވަމުންނެވެ. އެ ޖަލްސާގައި ޖާބިރުގެ ނަން އިއްވައި ތަޅުމުން ފަހުން ވަނީ ބޭރު ވެސް ކޮށްފަ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން، ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައިވާ ކަމަށެވެ.
"އެ މެމްބަރުގެ މޭޒުކޮޅުގައި ބެހެއްޓިފައި ހުރި މައިކްރޯ ފޯނު ބަދަލުކުރަން ޖެހޭ ވަރަށް ހަލާކުވެ، އެ މައިކްރޯ ފޯން ބަދަލު ކުރުމަށް 5100 ރުފިޔާ ހަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާގެ ޓެކްނިކަލް މުވައްޒަފުން ވަނީ މައުލޫމާތު ދެއްވާފަ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މެމްބަރަކު މަޖިލީހުގެ ސުލޫކީ މިންގަނޑާ ހިލާފަށް ނުވަތަ ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސަށް ސުލޫކީ ކޮމެޓީގެ ލަފާ ހޯދިދާނެ ކަމަށެވެ. އެގޮތުގެ މަތިން އެ ލަފާ ހޯދަން ކޮމެޓީއަށް ފޮނުއްވާކަން ވެސް ވަނީ އިއުލާނު ކުރައްވާފަ އެވެ.
ޖާބިރުގެ މި އަމަލާ ގުޅުވައި އަސްލަމް އިލްތިމާސް ކުރައްވާފައި ވަނީ މަޖިލީސް އިދާރާގައި ހުރި ތަކެއްޗަކީ ދަައުލަތުގެ ތަކެއްޗަށް ވާތީ، އެތަކެއްޗަށް ގެއްލުން ނުވާނެހެން އަމަލުތައް ބެހެއްޓުމަށެވެ.


