ރާއްޖެ ކައިރީގައި އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލާފައި ވާތީ، އެ މައްސަލާގައި ރާއްޖެއަށް "ގެއްލުނު" ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރަން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ރޭ އެދިވަޑައިގެންފި އެވެ.
ގާސިމް މިކަމަށް އެދިވަޑައިގެންފައި މިވަނީ ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް މޮރިޝަސް އަށް ޗާގޮސް ދޫކޮށްނުލުމަށް އިނގިރޭސީން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ވިލާތުން ޗާގޮސް، މޮރިޝަސްއާ ހަވާލުކުރުމަށް ކުރިން ނިންމި ނިންމުން ބަދަލުކުރިކަން އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅުގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އިޓްލޮސް)ގެ ނިންމުމާ އެކު ރާއްޖެއަށް ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ވިސްނުންތެރިކަމާ އެކު، ވީހާ ވެސް ހަލުވިކޮށް މަސައްކަތް ކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެއީ ރިޔާސީ އިންތިހާބުގައި އޭނާ ވެސް ހައްލު ހޯދަން ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ގައުމީ މައްސަލައެކެވެ. އިނގިރޭސި ވިލާތުން މިހާރު ނިންމާފައި ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިންނަށް ފުރިހަމަ އަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިނގިރޭސި ދައުލަތުން ފަހުން ނިންމާފައި މިވާ ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ދެކުނުގެ ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު މިހާރު ބޮޑުވެފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި އަލުން ހޯދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ދެވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ އެޕްރީލް 28 ވަނަ ދުވަހު އެވެ.


