Tuesday, 28 July 2026

ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަކުރަނީ

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ފަހު، 15 ދުވަސް ތެރޭގައި ޚަރަދުތައް ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އެކަމުގެ ތަފުސީލު ދެއްވަމުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު މީޑިއާތަކަށް ވިދާޅުވީ، ރައީސް އެގޮތަށް ނިންމެވީ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން މަސައްކަތް ކުރަންޖެހޭކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"ރައީސް ނިންމެވީ ކޮންމެ ރަސްމީ ދަތުރުފުޅެއް ނިމޭތާ 15 ދުވަސް ތެރޭގައި ހަރަދުގެ ތަފުސީލު ހާމަކުރެއްވުމަށް،" ހަލީލް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަނުކުރުމަކީ ނޫސްވެރިންނާއި އާއްމު ރައްޔިތުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފުސީލް ހާމަކުރުމަށް އެދި ނޫސްވެރިއަކު އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ ތުރުކީއަށެވެ. އެއީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *