ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރުމުގެ ގޮތުން ދެ ގައުމުގެ މެންބަރުން އެކުލެވޭ ގްރޫޕެއް އުފައްދަން ނިންމައިފި އެވެ.
އިންޑިއާ ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ބައްދަލުކުރައްވައި މަޝްވަރާތަކެއް ވެސް ކޮށްފައި ވަނިކޮށެވެ.
އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅުވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމު ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކޯ ގްރޫޕެއް އުފައްދަން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ރައީސްކަމުގެ ހުވާ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކުރެއްވުމަށް ފަހު، މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. މުއިއްޒު ނިސްބަތްވާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އަކީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ކުރި ކޯލިޝަނެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.
ސަރުކާރުން ބުނެފައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލިޔަސް، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށް އާ ސަރުކާރުން ބުނެ އެވެ.


