ފަލަސްތީނުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއީދުކޮށް، އެއްބާރުލުންދިނުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސަރު ޑރ. ނޫމާން ކުރްތުލުމުސްއާ އަދި ޕާލިމެންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއިން ފަލަސްތީނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް، އެ ބައްދަލުވުމުގައި ރައީސް ދެެއްވި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ހާއްސަ ޝަރަފެއް ކަމަށެވެ. ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮތް ގައުމަކަށް ވިޔަސް، ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ބޮޑު ސަރަހައްދަކަށް އެތުރިފައި އޮތް ގައުމެއް ކަމަށެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީ ވެސް މުހިންމު ހިސާބެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރެއްވުން ކަމުގައިވެސް ވިދާޅުވި އެވެ. ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.


