ފުލުހަކަށް ހަމަލާދީ އަނގަމަތި ފަޅާލި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ރޭ 20:19 ހާއިރު ފުލުހުން ޖަނަވަރީ މަގު ޕެޓްރޯލް ކުރަމުން ދަނިކޮށް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެނުނެވެ.
އެ ވަގުތު އެ މީހާ ފިލަން ދުއްވައިގަތުމުން އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ފުލުހެއްގެ އަނގަމަތީގައި ޖެހުނު ކަމަށާއި އޭގެ ސަބަބުން ފުލުސް މީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގެ މަގުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް މިވަނީ ގިނަވެފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް އަނިޔާކުރުންވެސް މަދެއް ނޫނެވެ.


