މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސް ތަކެއް ހޭދަކުރެއްވި އަޙްސަން ވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެންބަރުކަންވެސް އަދާކުރައްވާފަ އެވެ.
މީގެ އިތުރުން އަޙްސަން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޖަމިއްޔަތުއް ރަޙްމާގެ ޖެނެރަލް ސެކެޓްރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރކަން ފާހަގަކޮށްލެވެއެވެ. އަދި ދިއިސްލާމް އޮންލައިން އާއި ދިއިސްލާމް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކަާތްތެރިވުމުގެ އިތުރުން އަހްސަން ވަނީ އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ނެރެފައިވާ ހިދާޔަތުގެ އަލި މަޖައްލާ ނެރުމާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި މާރކެޓިން އަދި މީޑިއާގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ، ޑރ. މުހަންމަދު ޝަހީމް ޢަލީ ސައީދު އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވަނީ ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް އެވެ.
ރައީސް އޮފީހުން މިއަދު ވަނީ ގިނަ މިނިސްޓްރީތަކަށް އިތުރު ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައެވެ.


