Monday, 26 October 2026

ގިޔާމަތް ދުވަހުން މަސްއޫލުއްޔަތުގެ ޒިންމާ އާއި ހައްގުތައް އަދާ ކުރިތޯ ސުވާލު ވެވޭނެ – ހުތުބާ

ގިޔާމަތް ދުވަހުން މަސްއޫލުއްޔަތުގެ ޒިންމާ އަދާކުރިތޯއާއި ހައްގުތައް އަދާ ކުރިތޯއާއި އަނިޔާ ލިބިފައިވާ މީހުންގެ ހައްގުތައް ހޯދައިދީފައިވޭތޯ ސުވާލު ވެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އަމާނާތްތެރިކަމާ މަސްއޫލިއްތު" މި މައުލޫގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، މީސްތަކުންގެ ކަންކަން އިސްލާހުކޮށް ބަލަހައްޓައި، އެ މީހުންގެ ކަންކަން އޮޅުންބޮޅުންވެ، ފާލުން ނެއްޓިގެން ނުދިޔުމަށްޓަކައި މަސްއޫލުވެރިއަކު ހުންނަން ޖެހޭނެ ކަމަށެވެ. އަދި، ކޮންމެ މީހަކު އެ މީހެއްގެ ހަވާނަފުސާ އެއްގޮތަށް ކަންކަން ކުރަން ފަށައިފިނަމަ ކަންތައްތައް ބޮއްސުންލައިފާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގާ، އެ މީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ ހަބަރު ދެއްވާފައިވާ ކަމަށެވެ. އަދި އުންމަތުގެ ބޮޑެތި އިލްމުވެރިން ދޫކޮށް، އިލްމުވެރިކަން ކުޑަ، ތަޖުރިިބާ މަދު، އަމިއްލަ ރައުޔަށް ތަައައްސުބުވާ ފަރާތްތަކުގެ ކިބައިން، ތައުލީމީ ހާސިލުކުރުމާއި ދީން އެނގުނުން ގިޔާމަތުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުންޏެވެ.

ގިޔާމަތްވާނި ކޮންއިރަކުންތޯ މީހަކު ރަސޫލާއަށް ސުވާލުކުރުމުން ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އަމާނާތްތެރިކަން ނަގާލެވިއްޖެ ނަމަ، ޤިޔާމަތް ދުވަހަށް ތިބާ އިންތިޒާރު ކުރާށެވެ،" އަމާނާތްތެރިކަން ނަގާލެވޭނީ ކިހިނެއްތޯ އެ ހިނދު އޭނާ ސުވާލުކުރިއެވެ. ރަސޫލާ ހަދީޘް ކުރެއްވިއެވެ، "އެކަމުގެ ޤާބިލުކަމާއި އަހުލުވެރިކަން ނެތް މީހަކާ ކަންކަން ހަވާލު ކުރެވިއްޖެ ނަމަ، ތިބާ ޤިޔާމަތައް އިންތިޒަރު ކުރާށެވެ،"

ހުތުބާގައި ބުނީ، ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމް އޮޅިފައިވާ ކަމަށާއި އެ މީހުން ދެކޭގޮތުގައި އެއީ ފަހުރުވެރިކަމާއި ޝަރަފުވެރިކަން ކަމަށެވެ. ނަމަވެސް މަސްއޫލިއްޔަތަކީ ބޮޑު އަދި ބުރަ ކަމެއް ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލު ވެފައިވާ މީހާއަށް އެކަމުގެ ފާފަ ބަރުދާސްތު ކުރަންޖެހޭނެ ކަމަށް ބުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *