އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ކުށުގެ ތުހުމަތަށް ހައްޔަރު ކުރިތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކުރީ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާއިރު، މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
ލަމްހާ ދޫކޮށްލަން ކޯޓުން މިއަދު އަމުރު ކުރިއިރު، އެންމެ ފަހުން އޮތް އަޑުއެހުމުގައި، އޭނާގެ ފަރާތުން އެދިފައިވަނީ ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށް ދިނުމަށެވެ. ނަމަވެސް ކޯޓުން މިއަދު ލަމްހާ ދޫކޮށްލަން ނިންމުމުގައި ޓެގް އެޅުވުމާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.


