ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ބަހަނާގައި، ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް، ހަމާސް ޖަމާއަތުން މިއަދު ބުނެފި އެވެ.
އަލްޖަޒީރާ ނޫހުގައި ވާގޮތުން، އިސްރާއީލުން އެއްބަސްވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލުމަށާއި ބަންދުކޮށްފައި ތިބި 50 އަސީރުން މިނިވަން ކުރުމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން ވަނީ ނިންމާފައެވެ.
ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ޚާރިޖީ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ ބެހޭ ގޮތުން ގަތަރާއި އެހެން ބައެއް ގައުމުތައް މެދުވެރިވެގެން، ކުރަމުން އައި މަސައްކަތުން މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވިފަ އެވެ. އެ ގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެ އިޒްރޭލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް، ހަމާސް ޖަމާއަތުން ވެސް ރުހޭ ކަމަށް މިހާރު ވާނީ ހުރިހާ މެދުވެރިންނަށް އަންގާފައި ކަމަށް ހަނިއްޔާ ވިދާޅުވި އެވެ.
އެހެންނަމަވެސް މި އެއްބަސްވުމުގެ މާނައަކީ ހަނގުރާމަ ހުއްޓައިލުން ނޫން ކަމަށާއި، ހަނގުރާމަ މެދުކަނޑައިލީ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.


