Tuesday, 28 July 2026

ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި އިންޑިޔާ ތަމްސީލްކުރައްވާނީ ވަޒީރެއް!

އިންތިޚާބީ ރައީސް ޑރ، މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސަސް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ހާމަކޮށްފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ޑރ. މުޢިއްޒުގެ ރައީސްކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލު ކުރައްވާނީ މިނިސްޓަރ އޮފް އާރތް ސައިންސަސް، ޝްރީ ކިރެން ރިޖީޖޫ ކަމަށެވެ. އަދި ރިޖިޖޫ ރާއްޖޭގައި މިމަހުގެ 16އިން 18 ގެ ނިޔަލަށް މަޑުކުރައްވާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

އިންޑިއާއިން ބުނީ ރާއްޖެއަކީ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) ގައި އިންޑިއާގެ މުހިންމު އަވަށްޓެރި ގައުމެއް ކަމަށާއި، ބޮޑުވަޒީރުގެ ތަސައްވުރު ކަމަށްވާ "ސާގަރް" ސެކިއުރިޓީ އެންޑް ގްރޯތް ފޯރ އޯލް އިން ދަ ރީޖަން (ސަރަޙައްދުގައި ހުރިހާ އެންމެންނަށް ސަލާމަތާއި ކުރިއެރުން) އާއި 'ނެއިބަރހުޑް ފަސްޓް ޕޮލިސީ' ގައި ޚާއްޞަ ޖާގައެއް އޮތް ޤައުމެއް ކަމަށެވެ.

"މި ރަސްމިއްޔާތުގައި އިންޑިއާއިން މަތީ ފެންވަރުގެ މިނިސްޓަރެއް ތަމްސީލުކުރެއްވުމަކީ ދެޤައުމުގެ މެދުގައި އޮންނަ އިޖުތިމާޢީ އެއްބާރުލުމާއި ރައްޔިތުންނާ ދެމެދު އޮންނަ ހަރުދަނާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާއިން ވެފައިވާ ވަޢުދުގެ އަލިގަދަ ހެއްކެއް" ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބަނެފައި ވެއެވެ.

ނޮވެމްބަރ 17 ގައި އޮންނަ ޑރ. މުޢިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންތިޤާލީ އޮފީހުން ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *