ނާޖާއިޒު މަންފާއެއް ލިބޭ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބައިވަރު ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ނައްތާލި މައްސަލަ ހޫނުވުމުން އެތައް ދުވަހަކު ހަނުހުންނެވުމަށްފަހު ގަސަމް ރޭ އާންމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލީ ހިންގާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވަން ކަމަށް ބުނެ މީހުންގެ ސިކުނޑިއަށް އެކަން ވައްދައިދިނުމަށް ސޯޝަލްމީޑިއާގައި ބަޔަކު ކުރަމުންދަނީ ފިނޑި އަމަލުތަކެއް ކަމަށެވެ.
އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ތިލަފުށީގައި މިދިޔަ އާދިއްތަ ދުވަހު ނައްތާލިކަން ފަޅާއެރީ އެ ކަން ކުރަނިކޮށް، އެ ކުންފުނީގެ އާދައިގެ މުވައްޒަފެއް ކަމަށްވާ އަހުމަދު އަނީސް އަމިއްލަ އަށް ވީޑިއޯކޮށް، އެ ވީޑިއޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ހިސާބުންނެވެ. ވީޑިއޯ އާންމު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އަނީސް ވަނީ އެފްއެސްއެމަށް ހާޒިރުކޮށް، މަސްއޫލިއްޔަތުތަކުން ހަމަ އެ ދުވަހުން ފެށިގެން ވަގުތީ ގޮތުން އެކަހެރި ކޮށްފަ އެވެ.
ގަސަމް ވިދާޅުވީ އޭނާ ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އޭނާއާއި އަނބިދަރިންގެ އަރުން އެތެރެ ނުވާނެކަން އަބަދުވެސް ޔަގީންކުރަމުންދާ ކަމަށެވެ. އަދި އެފްއެސްއެމް އިން ކޮށްފައިވާ މަސައްކަތެއް ކޮށްފައިވަނީ ކުންފުނީގެ ކުރިއެރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
"ބަޔަކު ކުރަމުންދާ ފިނޑި އަމަލުތަކާ ގުޅިގެން އަޅުގަނޑުގެ މަންމަ އާއި ބައްޕައަށް އަދި އާއިލާއާއި ގާތްތިމާގެ މީހުންނަށާއި ގާތް އެކުވެރިންނަށާއި އެންމެހާ ފަރާތްތަކަށް ޔަގީންކަމާ އެކު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު އަދިވެސް މިހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީައި ކަމުގައެވެ،" ބަޔާނުގައިވެ އެވެ.
ލިޔުންތައް ނައްތާލި މައްސަލަ ހޫނުވުމުން ދިފާއުގައި އެފްއެސްއެމުން މިދިޔަ ހޯމަ ދުވަހު ބުނީ، އެއީ ގިނަ އަހަރު ތަކެއް ވަންދެން ގުދަން ކޮށްފައި ހުރި، އެއްވެސް ގޮތަކަށް ބޭނުން ނުހިފޭ، ބާ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ.
އެ ވީޑިއޯ ނަގައި ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރަމުން ދަނީ އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށް ވެސް އެފްއެސްއެމުން ދިފާއުގައި ބުންޏެވެ.


