އިސްރާއީލުގެ އަސްކަރިއްޔާއިން މެދުނުކެނޑި ފަލަސްތީނުގެ މައުސޫމް އާންމުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ހަމަލާތަށް ހުއްޓުވަން، އދ.ގެ ފަލަސްތީނާ ގުޅޭ އެމަޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް ރާއްޖޭން އެދިއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުންދާ ހަމަލާތައް އިޒްރޭލުން އިތުރަށް ވަރުގަދަ ކުރުމާ އެކު، އދ. ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް އެހެން ގައުމުތަކާ ގުޅިގެން ރާއްޖޭން އެދިފައިވާ ކަމަށެވެ.
ދުނިޔޭގެ ސުލްހަ އާއި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމުގެ ޒިންމާ އދ. ގެ ސެކިޔުރިޓީ ކައުންސިލަށް އަދާނުކުރެވޭ ކަމަށް މެމްބަރު ގައުމުތަކަށް ފެންނަ ހާލަތްތަކުގައި އެމެޖެންސީ ސްޕެޝަލް ސެޝަނަކަށް ގޮވައިލުމުގެ އިހުތިޔާރު ދޭން ނިންމީ 1950 ވަނަ އަހަރެވެ.
ދުނިޔޭގެ ސުލްހަޔައާއި ހަމަޖެހުން ގާއިމް ކުރުމުގެ ޒިންމާ އދ. ގެ ސެކިއުރިޓީ ކައުންސިލަށް އަދާ ނުކުރެވޭ ކަމަށް ފެނިއްޖެ ހާލަތެއްގައި އެމަޖެންސީ ސްޕެޝަލް ސެޝަނަށް ގޮވައިލުމުގެ ބާރު މެންބަރު ގައުމުތަކަށް ލިބިގެންވެއެވެ.
ޝާހިދު ވިދާޅުވީ، އިސްރާއީލުގެ އަސްކަރިއްޔާއިން މެދުނުކެނޑި ފަލަސްތީނުގެ މައުސޫމް އާންމުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ހަމަލާތައް ކުރިއަށްދާތާ މާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
ރާއްޖެއިން ފަަލަސްތީނަށް މިނިވަންކަން ހޯދައިދީ މި އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ފަލަސްތީނާ ގުޅޭ ސެޝަން ފަށައި ދޭން ރާއްޖޭން އެދިފައި މިވަނީ، ގާޒާގެ މަދަނީ ކޮންމެ ތަނަކީ އިޒްރޭލުގެ އަމާޒަކަށް ހަދައި، މުޅި ގާޒާ އެކުގައި ސުންނާފަތި ކުރަން ފަށާފައިވަނިކޮށެވެ.


