ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސް(އެފްއެސްއެމް)އިން ނައްތާލީ ދުވަސްވެ ހަލާކުވެފައިވާ ލިޔުންތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެފްއެސްއެމް އިން މިހެން ބުނެފައި މިވަނީ އެކުންފުނީގެ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި އެ ކުންފުނީގެ މުވައްޒަފަކު އާދިއްތަ ދުވަހުގެ ވަގުތެއްގައި ސަސްޕެންޑް ކުރުމުން ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެެވެ.
އެކަމާ ގުޅިގެން އެފްއެސްއިިމްއިން ވިދާޅުވީ ނައްތާލީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށެވެ.
އަދި ކުންފުނީގެ ނަން ކިލަނބުކުރަން އުޅޭ ކަމަށް ވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.
އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހްމަދު އަނީސް އާންމުކުރި ވީޑިއޯގައި ފެންނަނީ ތިލަފުށީގައި އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރަނިކޮށެވެ.
އެފްއެސްއެމްގައި މަސައްކަތް ކުރާތާ އަށް އަހަރުވީ އަނީސް ސަސްޕެންޑް ކުރީ އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓަށް ހާޒިރުކުރުމަށްފަހު އެވެ. ތިލަފުށީގައި މަސައްކަތް ކުރާ އަނީސް ސަސްޕެންޑް ކުރި ނަަމަވެސް ބަލަމުންދާ މައްސަލަ ސިޓީގައި ސާފުކޮށް ބުނެފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.
އެފްއެސްއެމުން ގައުމީ އަރުޝީފުގެ ލަފާ ހޯދުމެއް ނެތި، ގަވައިދާ ޚިލާފަށް ލިޔެކިޔުންތަކެއް ނައްތައިލި މައްސަލައިގައި ފުލުހަށް ދާނެ ކަމަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު އާމިރު (ފަރެސް އާމިރު) އިއްޔެވަނީ ވިދާޅުވެފަ އެވެ.


