ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި މިއަދު ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އެ އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރީ އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހްމަދު އަނީސް އެވެ. އަނީސް އާންމުކުރި ވީޑިއޯގައި ފެންނަނީ ތިލަފުށީގައި އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މަސައްކަތް ކުރަނިކޮށެވެ.
ބައެއް މީޑިޔާތަކުން އަނީސްއާ ހަވާލާދީ ވަނީ ، އެކަން އޭނާ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބުނެފަ އެވެ.
އަދި އެ ވީޑިއޯ އާންމުކުރީ އެއީ ލިޔެކިޔުންތައް ނައްތާލަން އޮންނަން ގޮތް ކަމަށް ނުވާތީ އެކަމުގައި ގޯސްތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް އަނީސް ބުނެފައި ވެއެވެ.
އެފްއެސްއެމްގައި މަސައްކަތް ކުރާތާ އަށް އަހަރުވީ އަނީސް ސަސްޕެންޑް ކުރީ އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓަށް ހާޒިރުކުރުމަށްފަހު އެވެ. ތިލަފުށީގައި މަސައްކަތް ކުރާ އަނީސް ސަސްޕެންޑް ކުރި ނަަމަވެސް ބަލަމުންދާ މައްސަލަ ސިޓީގައި ސާފުކޮށް ބުނެފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.


