Tuesday, 28 July 2026

ޓެރަރިސްޓު ޖަމާއަަތްތަކުގެ ލިސްޓަށް އާ ގުރޫޕެއް އިތުރުކޮށްފި

ދިވެހިރާއްޖެއިން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓް މުރާޖައާކޮށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން އެ ލިސްޓް އަލުން އާންމުކޮށްފި އެވެ.

ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަކީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން އެކުލަވައިލާ ލިސްޓެކެވެ.

މި ލިސްޓު އަލުން މުރާޖާކޮށް މިއަދު ގެޒެޓްކޮށްފައިވާއިރު އަލަށް އެ ލިސްޓުގައި ހިމަނައިފައިވަނީ 'ޖަމާ އަންޝާރުއް ދައުލާ' (ޖޭއޭޑީ) ނަމަކަށް ކިޔާ ޖަމާއަތެކެވެ.

ދިވެހި ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ދެކޭ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓް އާންމުކޮށް އިއުލާންކުރަމުން ދަނީ މީގެ އަށް އަހަރު ކުރިން 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުންނެވެ.

ގާނޫނުގައިވާ ގޮތުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެ މަތިން އަހަރަކު އެއްފަހަރު މި ލިސްޓު މުރާޖައާކޮށް އާއްމުކުރަންޖެހެ އެވެ.

މި ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭ ގޮތުން މުރާޖައާކުރަންޖެހޭ ކަންކަން ކޮށްފައިވެ އެވެެ.

'ޖަމާ އަންޝާރުއް ދައުލާ' (ޖޭއޭޑީ)

ޖަމާއަތަކީ 2015ވަނަ އަހަރު އިންޑޮނޭޝިއާގައި އުފައްދާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތް އުފެދުނު ފަހުން މިހާތަނަށް ބޮޑު ތިން ޓެރަރިސްޓު ހަމަލާ ދީފައިވާކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ޖާވާ އައިލޭންޑްސްގެ ސިޓީއެއްކަމަށްވާ ސުރަބްޔާގެ ފައްޅިއަކަށް 2018ވަނަ އަހަރު ދިން ހަމަލާއެއް ހިމެނެއެވެ. އެ ހަމަލާގައި 13 މީހަކު މަރުވެ، 40 މީހަކު ޒަޚަމްވިއެވެ. އަދި 2017ވަނަ އަހަރު އެ ޖަމާއަތުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހަމަލާއެއްދީ، ތިން ޕޮލިސް އޮފިސަރަކު މަރައި، ޖާނުން ފިދާވެގެން ބޮމުގެ ހަމަލާތައް ދީފައިވެއެވެ.

ރާއްޖޭގެ ލިސްޓުގައި މިހާރު ޖުމްލަ 20 ޖަމާއަތެއް ހިމެނެއެވެ. އެ ލިސްޓުގައި ދަތުރުކުރުން މަނާ ސަރަަހައްދެއްގެ ގޮތުގައި 2019ވަނަ އަހަރުން ފެށިގެން ސީރިޔާ އޮތް އޮތުމަށް ބަދަލެއް ގެނެސްފައިނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *