Tuesday, 28 July 2026

ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް މިއަދު ގަރާރެއް ވައްދާފައިވީ ނަމަވެސް، އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ ދެއްވައިފަ އެވެ.

މި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަކިކުރުމަށް ހުށަހެޅި މި ގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ. އަދި މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހަކަށް ރައީސް ނަޝީދު ހުއްޓުވި ކަމަށާއި، އަދި އެމަނިކުފާނު މިހާރު ހުންނެވި ޕާޓީ — ދަ ޑިމޮކްރެޓްސް އާއި ނަޝީދުގެ މަސްލަހަތު ހިމެނެ މައްސަލަތަކެއް އެޖެންޑާކޮށްގެން އަލުން ޖަލްސާތައް ފެއްޓެވި ކަމަށްވެސް ބުނެފައިވެ އެެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން، މިފަދަ ގަރާރެއް ލިބުމުގެ ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ފޮނުވަންޖެހެ އެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހެ އެވެ.

މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ގަވާއިދުގައި ބުނެ އެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ އެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *