މާލޭގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ — އަހްމަދު މަނިކު ރޭ ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން، އަދި އަމީތުގެ ބައްޕަ އަހްމަދު މަނިކު ނިޔާވީ ރޭ ދަންވަރުއެވެ. އަހްމަދު މަނިކު ނިޔާވިއިރު އުމުރަކީ 74 އަހަރެވެ.
އަހްމަދު މަނިކު، އެކްސިޑެންޓުވީ އޭނާ ދުއްވަން އިން ސައިކަލާއި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގީ އިހައްރޭ އިރާކޮޅު ބޮޑުތަކުރުފާނު މަގު، ޗައިނާ އެންބަސީ ސަރަހައްދުގައެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް މިވަގުތު ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު އަކީވެސް އަހްމަދު މަނިކުގެ ބޭފުޅެކެވެ.
މި ދެ ބޭފުޅުންގެ ބައްޕަ އަހްމަދު މަނިކުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.


