ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހްމަދު ސަލީމް (މާޒް ސަލީމް) އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވައި އެ މަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކާ މާޒް ސަލީމް ގުޅިވަޑައިގެންނެވީ ހުޅުމާލޭގެ ރުށްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރައީސްގެ ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ.
ރިޔާސީ އިންތިހާބުގައި އުމަރާއި ސަލީމު ދިޔައީ ހަތަރުވަަނަ އަށެވެ. އުމަރު ނިންމަވާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް ނިންމަވާފަ އެވެ.
އުމަރުވަނީ މާޒް ސަލީމް ރައީސްއަށް ތާއީދުކުރުމަކީ އެެއީ އެބޭފުޅާގެ އަމިއްލަ ނިންމެވުމެއް ކަމަށް މިއަދު ވިދާޅުވެފަ އެވެ. އަދި އެކަމާ އުމަރު އާއި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި، އަދި ކުރިނަމަ އެކަން އެގޮތަށް ނުރެއްވުމަށް ލަފާއަރުވާނެކަމަށްވެސް އުމަރުވަނީ ވިދާޅުވެފަ އެވެ.


