Tuesday, 28 July 2026
ފޮޓޯ: ސަން އޮންލައިން

އެމްޑީއޭއިން ކޯލިޝަން ރޫޅާލައި މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލުން ރޭ ނިންމައިފިއެވެ.

އެމްޑީއޭ އަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހާ އެކު ކުރިއަށް ދިއުމަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައި އޮތް ޕާޓީ އެކެވެ.

އެމްޑީއޭ އިން ޑރ. މުއިއްޒުއަށް ތާއީދުކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓެއްގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.. އެމްޑީއޭ ކައުންސިލަށް އެކަން ހުށަހެޅުއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމަށްފަހު،  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ މައުރޫފް ވިދާޅުވީ ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި ތިން ހުށަހެޅުމެއް މެމްބަރުން ހުށަހެޅުއްވި ކަމަށެވެ. ފުރަތަމަ ހުށަހެޅުމަކީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ހުށަހެޅި ހުށަހެޅުމެވެ. އެމްޑީއޭގެ ރައީސްގެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ލިބިފައި ވަނީ އެންމެ ދެ ވޯޓު ކަމަށް އަލީ މައުރޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު، ރައީސް ސޯލިހްގެ އަރިހުގައި ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ރަށްތަކުގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދެއްކެވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ރައީސް ބޭއްވެވި އެއްވެސް ޖަލްސާއަކުން ސިޔާމު ފެނިފައެއް ނުވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *