ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސައިކުރެވުނު ދިފާއީ އަދި ސަލާމަތީ އެއްބަސްވުންތަކާއެކު، ރާއްޖެއާއި ޕާކިސްތާނުގެ އަސްކަރީ ގުޅުން ބަދަހިވަމުންދާ ގޮތް އިންޑިއާއިން ވަރަށް ފާރަވެރިކަމާއެކު ބަލަމުންދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ (އެމްއީއޭ) އިން ބުނެފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސައިކުރެވުނު ސަލާމަތީ އަދި ކަނޑުގެ ރައްކާތެރިކަމާ ބެހޭ އެއްބަސްވުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ އިންޑިއާގެ ސިޔާސަތު ސާފުކޮށްދެއްވާފައެވެ.
ތަރުޖަމާނު ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ "ނޭބަރހުޑް ފަސްޓް" ސިޔާސަތާއި "ވިޝަން މަހާސާގަރު" ގެ ދަށުން ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. ނަމަވެސް ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން އިންޑިއާގެ ގައުމީ މަސްލަހަތު ދެމެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިދެންނެވި ފަދަ ހުރިހާ މުއާމަލާތްތަކާއި ހިންގާ ހަރަކާތްތަކެއް ވަރަށް ފަރުވާތެރިކަމާއެކު ފާރަވެރިވެ ބަލަމުންދާނަން. އަދި އަޅުގަނޑުމެންގެ ގައުމީ ސަލާމަތާ ގުޅޭ ގޮތުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް މުހިންމު ވެއްޖެ ހިނދެއްގައި އަޅާނެކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވިއެވެ.
މި މައްސަލައަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވެސް ބޮޑު ބަހުސެއް އުފެދިފައިވާ ކަމެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާކިސްތާނާއެކު ސޮއިކުރެވުނު ދިފާއީ އެއްބަސްވުންތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް، ހާއްސަކޮށް އިންޑިއާގެ ސަލާމަތަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ ސަބަބުން ރާއްޖެއަށް ވެސް ނުރައްކާ ބޮޑު ކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުޅުގައި އަސްކަރީ އެއްބަސްވުން ހިމެނޭ ގޮތަށް ޖުމުލަ 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަނުން ވަރަށް އަަވަހަށް ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަން ރައީސް ވަނީ އިއުލާން ވެސް ކުރައްވައިފައެވެ.
ދެ ގައުމު ގުޅިގެން ދެއްވި ބަޔާނުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ކަޝްމީރުގެ މައްސަލައާއި އިންޑަސް ފެނުގެ މުއާހަދާ އިންޑިއާއިން ހިފަހައްޓާފައިވާ މައްސަލާގަައި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް މުއިއްޒު ސީދާ އެ ކަމަށް ވަކި އެއްޗެއް ވިދާޅުނުވެ، ވިދާޅުވީ ދެކުނު އޭޝިއާގެ ސަރަހައްދީ ޖަމާއަތް ސާކް އަލުން ހަރަކާތްތެރިކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.


