ވަކި ދީނަކަށް، ވަކި ގައުމަކަށް ވީތީ ނަފުރަތު އުފެއްދުމާއި ވަކި ނަސްލަކަށް ވީތީ ދެކޮޅުވެރިކަމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް މިއަދު ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއުއެވެ.
ބިލުގައިވާ ގޮތުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް އެއްވެސް އަމަލެއް ހިންގުމަކީ ވެސް ކުށެކެވެ.
އެފަަދަ އަމަލުތަކުގެ ތެރޭގައި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން، އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ގެއްލުންތައް ނުވަތަ ނަފްސާނީ އަނިޔާ ދިނުން ހިމެނެއެވެ. އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލާތްތައް އެނގިހުރެ ގަސްތުގައި ކުރިމަތިކުރުވުން ވެސް ހިމަނާފައިވެއެވެ.
އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުުފަންވިޔަނުދިނުމަށް ފިޔަވަޅުތަކެއް އެޅުމާއި، އެފަަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެެހެން ޖަމާއަތަކަށް ބަދަލުކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާ ބޮޑެތި ކަންކަން ކުރުން ވެސް ޖިނާއީ ކުށަކަށް ހެދުމަށް އެ ބިލުގައި ހިމަނާފައިވެއެވެ.
ބިލުގައިވާ ގޮތުން އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއްނެތި އެއްވެސް ކަމެއް ގަސްތުގައި ކުރުމަކީ ކުށެކެވެ. އެފަދަ އަމަލުތަކުގެ ތެރޭގައި މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމަަކަށް ގެއްލުންދިނުން ހިމެނެއެވެ. އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ސިސްޓަމަކަށް ހުރަސްއެޅުން އަދި އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް އަމަލެެއް ކުރުން ވެސް ހިމަނާފައިވެއެވެ.


