ދިވެހިރާއްޖެއިން ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅާ ސަފީރަކަށް، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފިއެވެ.
މި މަގާމަށް ދިޔާނާ އައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ސިޓީފުޅު ފޮނުއްވީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ ދިޔާނާއަކީ އެ މަގާމަށް ގާބިލު، އަދި ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމަށެވެ. ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ އޭނާ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ދިޔާނާ އަކީ ރާއްޖޭގެ ސިޔާސީ އަދި ބައިނަލްއަގްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ބަންޑާރަ ނައިބުކަމާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ޖެންޑާ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. މިދިޔަ އޭޕްރިލް މަހުން ފެށިގެން ދިޔާނާ ހުންނެވީ "އެމްބެސެޑާ އެޓް ލާޖް" ގެ މަގާމުގައެވެ.
ދިޔާނާގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު، ބަހުރެއިނަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށްވެސް ކޮމިޓީން ވަނީ ރުހުން ދީފައެވެ. ކޮމިޓީގެ މި ނިންމުންތަކާއެކު، ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން މި މައްސަލައިގައި ފަހުގެ ގޮތެއް ނިންމުމެވެ.


