ފިހާރަތަކުގައި ތަކެތި ވިއްކާ އަގު ފެންނަ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.
އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން މިހާރު ވެސް ޑައުންލޯޑްކުރެވޭ ގޮތަށް ލިބެން ހުރި އެ އެޕްލިކޭޝަންގެ ނަމަކީ 'އަގު މަގު' އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި އެންމެ ފަހުން ލިބެން ހުރި އަގުތައް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.
އެ ގޮތުން އެއިން ކޮންމެ އެއްޗެއް މިއަދު ބާޒާރުގައި ހުރި އެންމެ ހެޔޮ އަގާއި، އެވެރެޖް އަގާއި، އެންމެ ބޮޑު އަގު ވެސް އެޕްލިކޭޝަނުން ފެނެ އެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގަށް އައި ބަދަލުތައް ވެސް އެ އެޕްލިކޭޝަނުން ބަލައިލެވެ އެވެ.
ދެ ރަށެއްގެ އަގުތައް ވަގުތުން އަޅައިކިޔޭނެ ގޮތަށް ހުރިހާ ރަށެއްގެ އަގުތައް ފެންނަން ހުރެފައި، އަޅައިކިޔަން ބޭނުންވާ ދެ ރަށެއް އިހުތިޔާރުކޮށްގެން ވެސް ބަލައިލެވެ އެވެ. ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައި ކަން ބަލައިލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަގުތަކަށް އަންނަ ބަދަލުތައް ބަލައި، އަގުހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން ނޮޓިފިކޭޝަން ލިބޭ ގޮތަށް ވެސް ހަދައިލެވޭނެ އެވެ.
މީގެ އިތުރުން އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓުތައް ސޭވްކޮށް، ބޭނުން ކޮންމެ ވަގުތަކު އެ ތަކެތީގެ އަދާހަމަ އަގު ބަލައިލެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މުޅި ލިސްޓަށް އަރާ ޖުމުލަ ވަރާއި، އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ބަލައިލެވެ އެވެ.


