Tuesday, 28 July 2026
ތައިލެންޑްގެ ދިދަ -- ފޮޓޯ: ތައިޒާރ

ރާއްޖެ ހިމެނޭ ގޮތަށް ބައެއް ގައުމުތަކަށް ތައިލެންޑް ވިސާގެ އާ ލުއިތަކެއް ދީފި

ފަތުރުވެރިންނަށް ވިސާއާ ނުލައި ތައިލެންޑަށް އެތެރެވެވޭ މުއްދަތު ދެބައިކުޅަ އެއްބަޔަށް ކުރުކުރުމަށާއި، ގިނަ ގައުމުތަކަކަށް ދީފައިވާ ލުއިތައް އުވާލުމަށް އެ ގައުމުގެ ކެބިނެޓުން ނިންމި ނަމަވެސް، ދިވެހިރާއްޖެ ހިމެނޭ ގޮތަށް ބައެއް ގައުމުތަކަށް ވިސާގެ އާ ލުއިތަކެއް ދީފައެވެ.

ތައިލޭންޑުން 2024 ވަނަ އަހަރު ތައާރަފްކުރި ވިސާ ނެތި 60 ދުވަހަށް މަޑު ކުރެވޭނެ އުސޫލު ހަރުކަށިކޮށް ބައެއް ގައުމުތަކަށް 15 ދުވަސް އަދި ބައެއް ގައުމުތަކަށް 30 ދުވަހަށް ތިބެވޭ ގޮތަށް ނިންމީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބައެއް އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި އަދި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ގޮސްފައިވާތީއެވެ.

އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން، ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނީ 59 ގައުމެއްގެ ރައްޔިތުންނަށެވެ. މި ބަދަލާއެކު ހަ ގައުމަކަށް ވިސާގެ އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ އަދި މޯލްޓާ ހިމެނެއެވެ. މީގެ އިތުރުން، ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން – އީޔޫ) ގެ މެންބަރު 27 ގައުމަށް ވެސް ހަމަހަމަ ވިސާގެ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު މިހާރު ވިސާއާއި ނުލައި 15 ދުވަހުގެ މުއްދަތަކަށް ތައިލޭންޑުގައި ތިބެވޭނީ ސީޝެލްސްއާއި މޮރިޝަސްގެ ރައްޔިތުންނަށެވެ. އަދި އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުމަށް ވަނީ ނިންމާފައެވެ.

ވިސާގެ އުސޫލުތަކަށް ގެނައި މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. ނަމަވެސް، މި އާ ގަވާއިދުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން ތައިލެންޑަށް އެތެރެވެފައިވާ ބިދޭސީންނަށް، އެ މީހުންނަށް ފުރަތަމަ ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި ތިބެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *