Tuesday, 28 July 2026
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ -- ފޮޓޯ: ހުވަދޫ މީޑިއާ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ (އަމީޒާ) އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުން ވަނީ އަމީޒާ އެ މަގާމަށް އައްޔަންކުރުމަށް ފާސްކޮށްފައެވެ. އަމީޒާއަކީ ރައީސުލްޖުމްހޫރިއްޔާ މި މަގާމަށް ފޮނުއްވި ދެ ނަންފުޅުގެ ތެރެއިން މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން ދިރާސާކޮށް، އެންމެ މަތިން މާކުސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

އިގުތިޞާދީ ކޮމިޓީން އަމީޒާ އިންޓަވިއު ކުރެއްވުމަށްފަހު، އޭނާއަށް ވަނީ 92.44 މާކުސް ދީފައެވެ. އަމީޒާއަކީ މީރާ އުފެދުނީއްސުރެ އެ އިދާރާގައި މެދުނުކެނޑި މަސައްކަތްކުރައްވަމުން ގެންދަވާ، ޓެކްސްގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު މިނިސްޓަރު އޮފް ފައިނޭންސްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. މަޖިލީހުން ރުހުން ދިނުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަމީޒާ އެ މަގާމަށް އައްޔަންކުރައްވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *