Tuesday, 28 July 2026
ފޮޓޯ: އައިޖީއެމްއެޗް

އަހަރުގެ މިހާތަނަށް 144 މީހުން ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ނައްތާލާފައިވާކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ހިމަބިއްސަށް މި އަހަރުގެ މިހާތަނަށް 140 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީން ބުނީ މިދިޔަ ހަފުތާގައި އެކަނި ވެސް 23 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާ އެކު، އެ ބައްޔަށް މި އަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު 144 އަށް އެރީ އެވެ. އޭގެ ކުރީ ހަފުތާގައި އެ ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 55 މީހަކަށެވެ.

އެޗްޕީއޭއިން މިއަދު އެ ތަފާސްހިސާބު ހާމަކުރިއިރު، ހިމަބިއްސަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު އިއްޔެ ވަނީ މަރުވެފައެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ވަނީ ފަށައިފަ އެވެ. މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *