Tuesday, 28 July 2026
މާލެ ސިޓީ

މާލެ ތޮއްޖެހުން ހައްލުކުރަން އޮފީހެއް އުފައްދައިފި

މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ހިންގަން ހާއްސަ އޮފީހެއް އުފައްދައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި އެ އޮފީހަށް ކިޔަނީ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އެވެ. އަދި އެ އޮފީސް ހިންގުމަށް ހަމަޖެއްސެވީ އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.

މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އެކުލަވާލި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި ވެސް އުފެއްދެވި އޮފީހެކެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަކީ ވެސް އޮފީހުގެ މަސައްކަތެކެވެ.

އަދި މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރުމަކީ ވެސް އެ އޮފީހުން ކުރާނެ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *