Tuesday, 28 July 2026

އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ކައުންސިލަރުންނަށް ހުޅުވާލައިފި

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އިންތިހާބުކުރާ ކައުންސިލަރުންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އެލްޖީއޭގެ ބޯޑަށް އިންތިހާބުކުރަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރު، ރަށު ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރު، އަދި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެކަކެވެ.

އެލްޖީއޭން މިއަދު އިއުލާންކުރި ގޮތުގައި އެ އިންތިހާބު އޮންނާނީ އަންނަ އޮގަސްޓު މަހުގެ 8ވަނަ ދުވަހުގަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ..

ވޯޓު ގުނައި ނިމުމުން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ކަމަށް އެލްޖީއޭން ބުންޏެވެ.

އެލްޖީއޭގެ ބޯޑުގައި މި ތިން މެންބަރުންގެ އިތުރުން ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ ތަނުގެ ސީއީއޯގެ އިތުރުން ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ އެ ތަނުގެ މުވައްޒަފަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރެކެވެ.

އެލްޖީއޭގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެވެ. މި ވަގުތު އެއީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ސީއީއޯ އަކީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *