Tuesday, 28 July 2026
އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ ބޭރުގައި. ފޮޓޯ: މިހާރު

މުވައްޒަފުންގެ މުސާރައަށް ކުރި ހޭދަ މިދިޔަ އަހަރަށްވުރެ 10 ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް އަށް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައަށް ހޭދަކުރި 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.

މުސާރައިގެ ތަފްސީލަށް ބަލާއިރު، އެލަވަންސްތަކަށް 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން އަސާސީ މުސާރައަށް ކުރި ހޭދަ 400 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ޕެންޝަން ހަރަދު ވަނީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތަކަށް މިހާތަނަށް 390 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 11 ޕަސެންޓުގެ އިތުރުވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރިޓަޔާކުރާ މީހުންގެ އިނާޔަތްތަކަށް މިއަހަރުގެ ބަޖެޓުގައި ޖުމްލަ 739 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި މުސާރައަށް 17 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިއީ ދައުލަތުގެ ރިކަރަންޓް ހަރަދުގެ 43 ޕަސެންޓް އަދި ޖުމްލަ ބަޖެޓުގެ 27 ޕަސެންޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *