Tuesday, 28 July 2026
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް

މަރުގެ އަދަބު ތަންފީޒުކުރަން ޔާމީން މިހާރު ދެކޮޅު

ރާއްޖޭގައި ތިބި ފަނޑިޔާރުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދައި، މަރުގެ އަދަބު ކަނޑައަޅާފައިވާ ހުކުމްތައް ތަންފީޒު ކުރުމާ މިހާރު ދެކޮޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މީހުން މަރާލުމުގެ މައްސަލަތަކުގައި ރާއްޖޭގައި މަރު ހުކުމްކޮށްފައި ތިބި މީހުން އެބަ ތިއްބެވެ. އެހެން ނަމަވެސް އެއިން މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ ކަމަށް ޔާމީން މީގެ ކުރިން ވަކާލާތުކުރައްވާފައިވެ އެވެ.

ޔާމީން ހިންގަވާ ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ މީގެ ކުރިން މަރުގެ އަދަބު ތަންފީޒުކުރުމަށް ވަކާލާތު ކުރި ނަމަވެސް ފަނޑިޔާރުން ކޮރަޕްޓްވެފައި އަދުލުވެރިކަމެއް ފެންނަން ނެތުމުން މިހާރު އެކަމާ ދެކޮޅު ކަމަށެވެ.

"މަރުގެ ހުކުމްކުރަނީ ކޮން ބަޔަކުތޯ؟ އެއްކަލަ އަދުލުވެރިކަމެއް ނެތް ފަނޑިޔާރުންނޭ. އަޅުގަނޑަކީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރީގައި ވަކާލާތުކުރި މީހެއް. އެކަމަކު ފަނޑިޔާރުންގެ އަދުލުވެރިކަން ނެތްކަން ފެނުނީމައި އަޅުގަނޑުގެ މަރުގެ ހުކުމާ ދެކޮޅު މިހާރު،" ޔާމީން ވިދާޅުވި އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބަށް ޕީއެންއެފުން ނުކުންނައިރު އެ ޕާޓީގެ މެނިފެސްޓޯގައި މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގެ އެއްވެސް ވާހަކައެއް ނުލިޔާނެ ކަމަށް ވެސް އަންނަ ރިޔާސީ އިންތިހާބަށް ވެސް ނުކުންނަވާނެ ކަމަށް އިއުލާންކުރައްވާފައިވާ ޔާމީން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *