އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށަން ތައްޔާރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދައުލަތުގެ މީޑީއާއަށް ހައުސިން މިނިސްޓްރީން ބުނީ، އެ މަސައްކަތްކުރުމަށް މިދިޔަ މަހުގެ 15ވަނަ ދުވަހު ހަވާލުކުރެވިފައިވާ ކަމަށެވެ. އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މަސައްކަތް ފަށާނެ ސީދާ ތާރީހެއް ހައުސިން މިނިސްޓްރީން ބުނެފައެއް ނެތެވެ.
އަމީނީ މަގުގައި ތާރު އަޅައިގެން ހަދަން ފެށީ 2023ވަނަ އަހަރުގަ އެވެ. ހަމަ އެ އަހަރު ތާރު އަޅާ ބޮޑު ބައެއް ނިންމި ނަމަވެސް ކުރު މުއްދަތުގެ ތެރޭގައި ތާރުގަނޑު ވަނީ ހަލާކުވެފަ އެވެ. މުޅި މަހުގައި ތާރު އަޅާ ނިންމުނީ ޖެނުއަރީ 2024ގަ އެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެ އެވެ.


