އައިލެންޑް އޭވިއޭޝަންގެ ހައުސިން ޔުނިޓްތައް ގާއިމްކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
މި އެއްބަސްވުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ބުނީ މި މަސައްކަތުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޔުނިޓުތައް ތަރައްޤީ ކުރުމަށް ނިންމާފައިވީ ނަމަވެސް، މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތެއް ދެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މަސައްކަތުގެ އިތުރުން، ކުންފުނީގެ އައު އޮފީސް އިމާރާތުގެ ބިންގާވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަޅާފައެވެ. މި އޮފީސް އިމާރާތް ނިމުމުން، މިހާރު އެކި ތަންތަނުގައި ބަހާލެވިގެން ދެމުންދާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެންދާނެއެވެ.


