ރާއްޖޭގައި ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ދަ ވޯކްސް ޕްރައިވެޓް ލިމިޓެޑަށް ގަވާއިދާ ހިލާފަށް ބިމެއް ދިން ކަމަށް ބުނާ މައްސަލާގައި ދައުވާކުރުމަށް އެދިއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ގޮތުގައި ހޯރަފުށީގެ މިދިޔަ ދައުރުގެ ހަތް ކައުންސިލަރުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގަ އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބަލައިގެންފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އެ ހަތް ކައުންސިލަރުންނަށް ދައުވާކުރުމާ މެދު އެ އޮފީހުން ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
އެ ހަތް މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުރު ތިބި ކައުންސިލަރުންނަކީ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު އާއި، ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން ކައުންސިލަރުންނަށް ތިއްބެވި އިބްރާހީމް ޝާކިރު، އަހުމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާސިހާ އެވެ.
އެ މައްސަލައިގެ ތަފުސީލްތަކެއް އޭސީސީން ހާމައެއް ނުކުރެ އެވެ. ހަމައެކަނި ހާމަކޮށްފައިވާ ތަފްސީލަކީ ހޯކްސްއަށް ބިމެއް ދިނީ ތެލުގެ ވިޔަފާރިކުރުމަށް ކަމާއި، އެ ބިމަކީ 5,000 އަކަފޫޓުގެ ބިމެއް ކަމެވެ.


