Tuesday, 28 July 2026

ހދ. އަތޮޅު ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ކުޅުދުއްފުށި މޭޔަރަށް އަންގައިފި

ހދ. އަތޮޅު ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ އަތޮޅުގެ އެހެން ބައެއް ރަށު ކައުންސިލްތައް ގުޅިގެން އަތޮޅު ބޯޑެއް އެކުލަވާލުމަށް ނިންމާފައިވާތީ އެ ކަން ހުއްޓާލުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން މިއަދު އަންގައިފި އެވެ.

އަތޮޅު ބޯޑެއް އެކުލަވާލުމަށް ނިންމީ، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން ނޮޅިވަރަމް، ނޮޅިވަރަންފަރު، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ނައިވައިދޫ އަދި ނެއްލައިދޫ ކައުންސިލްގެ ރައީސުން ބައިވެރިވެޑައިގެންނެވި އޮންލައިން ބައްދަލުވުމެއްގަ އެވެ. މި ކަން ކުރަން އިސްނަންގަވައި ހުށަހެޅުއްވީ ކުޅުދުއްފުށި މޭޔަރު އާތިފެވެ.

ކުޅުދުއްފުށީ މޭޔަރު އާތިފަށް އެލްޖީއޭއިން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނު މިހާރު އަންގާ ގޮތުގައި އަތޮޅު ކައުންސިލުން ކުރިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތެއް މިހާރު އެލްޖީއޭއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި އަތޮޅުގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތަކަކީ މިހާރު އެލްޖީއޭގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށް ބުނެފައިވެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ހދ. އަތޮޅުގެ ބައެއް ރަށު ކައުންސިލްތަކުން ނިންމާފައިވާ ނިންމުމަކީ ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ މަފުހޫމާ ފުށުއަރާ ކަމެއް ކަމަށް އެލްޖީއޭން ބުނެފައިވެ އެވެ. އެހެންވެ އެ މަސައްކަތް ކުރިއަށް ނުގެންގޮސް އެ ގޮތަށް ބޯޑެއް އެކުލަވާލަން ކައުންސިލްތަކުން ގުޅިގެން ނިންމި ގާނޫނީ ސްޓޭންޑް ސާފުކޮށްދިނުމަށް ވެސް އެލްޖީއޭން އެދިފައިވެ އެވެ.

މީގެ ކުރިން ކޮންމެ އަތޮޅެއްގައި ހިމެނޭ އަތޮޅު ކައުންސިލްގެ އެކުލެވުމަކީ ވެސް އެ އަތޮޅެއްގައި ހިމެނޭ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން އަދި މުޅި އަތޮޅުން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސެކެވެ. ނަމަވެސް މިހާރު އަތޮޅު ކައުންސިލްތައް އުވާލައި އެލްޖީއޭގެ އަތޮޅު އޮފީހަކުން މަސައްކަތް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *